ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާގެ މިނިސްޓްރީން އިޢުލާނުކޮށްފައިވާ ގޮތުގައި، 1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް މިހާތަނަށް 500،000 އަށްވުރެ ގިނަ ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފި ކަމަށް ސަޢުދީގެ ޙައްޖުގެ ކަންކަމާ ބެހޭ ވުޒާރާއިން ޢިއުލާންކުރިކަމަށް ސަޢުދީގެ ދައުލަތުގެ މީޑިއާއިން މަޢޫލޫމާތު ދީފިއެވެ. ސަޢޫދީގެ އަލްއަޚްބާރިޔާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ މުޅި ޙައްޖު ވިސާގެ 36 އިންސައްތައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާދީއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 504،600 ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރާތްކުރިކަމަށާއި އެކި އެކި ޤައުމުތަކުގެ ޙައްޖުވެރިން މައްކާއާއި މަދީނާއަށް ޖަމާވާން ފަށާފައިވަނީ ޛުލްޤަޢިދާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ސަޢުދީ ސަރުކާރުން މަޢުލޫމާތު ދީފައިވެއެވެ. މިއީ މީލާދީ ގޮތުން 2025 ވަނަ އަހަރުގެ އޭޕްރިލް 29 ވަނަ ދުވަހެވެ. ސަޢުދީގެ ޙައްޖު މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ޙައްޖުވެރިންނަށް އުފާވެރި ދަތުރަކަށް އެދި މަރުޙަބާގެ މެސެޖެއް ފޮނުވައިފައެވެ.
ޙައްޖު މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ވަޑައިގަތީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްގެ ދަށުން، އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ. އަދި ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަރަށް ފުރިހަމަ ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ޙައްޖުވެރިންނަށް ރަސްމީ ޙައްޖު ހުއްދަ ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ. މިގޮތުން، ރަސްމީ ޙައްޖު ހުއްދަ އޮތުމުން ޙައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ ކަމަށާއި، ޙައްޖުވެރިންނަށް ޚާއްޞަކޮށްފައިވާ އެންމެހާ ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެފައިވެއެވެ.