ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ރޭ ޓްވިޓަރގައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން ދިވެހިރާއްޖެއިން ފުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި ޢުދުވާނީ ޙަމަލާތަކުގައި މަރުވެފައިވާ އެތައް ސަތޭކަ މަޢުޞޫމު ކުޑަކުދިންނާއި އާންމު ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
“ޣައްޒާގެ މަޢުޞޫމު ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ޙަމަލާތައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ. އަދި ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހުއްޓުވައި، ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް މަސައްކަތްކުރަންޖެހޭ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖެއިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަންވެސް ފާހަގަކުރައްވާފައިވެއެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 3,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 12,500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަން ފާހަގަކުރެވެއެވެ.