ކައުންސިލުން އިއުލާނު ބާތިލެއް ނުކުރި، ތިނަދޫން ފުލެޓަށް އެދެން މިނިސްޓްރީން ހުޅުވާލާނަން: މުއްތަލިބު

ތިނަދޫ ސިޓީގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި އެ ސިޓީގެ ކައުންސިލުން ކުރި އިއުލާނު ބާތިލުކުރުމަށް ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އެންގި ނަމަވެސް އެ އިއުލާނު ބާތިލުކޮށްފައިނުވާ ކަމަށާއި، އެހެންކަމުން މިނިސްޓްރީން ވަކިން އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި އިއުލާނުކުރީ ޖެނުއަރީ 28، 2025ގައެވެ. ނަމަވެސް، އެ އިއުލާނަކީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އެންގީ ފެބްރުއަރީ 1، 2025ގައެވެ.

މިއަދާ ހަމައަށް ވެސް އެ އިއުލާނު ސިޓީ ކައުންސިލުން ބާތިލުކޮށްފައެއް ނުވެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ މިނިސްޓަރު މުއްތަލިބާ އެ އިއުލާނާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްޔިތުންގެ މަޖިލީހުގައި — ފޮޓޯ/ މަޖިލިސް

އެ ސުވާލަށް ޖަވާބުދެއްވައި މުއްތަލިބު ވިދާޅުވީ، ތިނަދޫގެ ހައުސިން ޕްރޮޖެކްޓަކީ ސަރުކާރުން ހިންގާ މަޝްރޫއެއް ނަމަވެސް ސިޓީ ކައުންސިލުން ސަރުކާރާ އެއްވެސް ގޮތަކަށް މަޝްވަރާކުރުމެއް ނެތި އެ ފުލެޓުތައް ލިބޭ ފަރާތްތައް ހޯދުމަށް އިއުލާނުކުރީ ކަމަށެވެ.

އަޅުގަނޑު ސިޓީއަކުން ދެންނެވިން އެކަން ހުއްޓާލާފައި، އެ އިއުލާނު ބާތިލުކޮށްފައި އަޅުގަނޑުމެންނާ ގުޅިގެން މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުމަށް. އެހެންނަމަވެސް، އެބޭފުޅުން އެކަން ކުރިއަށް ގެންދިޔުމާ އެއްކޮށް އަޅުގަނޑުމެންނަށް ފޮނުވީ އެ އުސޫލު މައުލޫމާތަށްޓަކައި. ދެން އަޅުގަނޑުމެން އަނެއްކާ ވެސް އެންގީ އެކަން ހުއްޓާލުމަށް. އެލްޖީއޭ މެދުވެރިކޮށް ވެސް އަޅުގަނޑުމެން އެންގިން އެކަން ހުއްޓާލަން،ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

އެއީ، ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށާއި އެ އިއުލާނު ބާތިލުކުރަން އެންގީ ސަރުކާރުން ކަނޑައަޅާ އިޖުތިމާއީ މިންގަނޑެއްގެ ތެރެއިން ލިބޭ ފަރާތްތައް ކަނޑައެޅުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަން ކައުންސިލުން ނުކުރާތީ މިނިސްޓްރީން އެ އިއުލާނު ބަލައި ނުގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ވަކިން، މިނިސްޓްރީގެ ‘ހިޔާވަހި’ ޕޯޓަލް މެދުވެރިކޮށް އެ ފުލެޓުތައް ލިބޭ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްގެން ކުރިއަށް ގެންދާނެ ކަމަށާއި މިހާރު އެ މަސައްކަތް މިނިސްޓްރީ ތެރެއިން ކުރަމުން އަންނަ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ތިނަދޫގެ މޭޔަރު ސައުދު އަލީ: އެ ކައުންސިިލުން ވަނީ އިއުލާނު ބާތިލުކުރަން ދެކޮޅު ހަދާފައި — ފޮޓޯ/ ތިނަދޫ ކައުންސިލް

މިނިސްޓްރީގެ އެންގުމާ ޚިލާފަށް ތިނަދޫ ސިޓީ ކައުންސިލުން އަމަލުކުރާއިރު، އެ ކައުންސިލާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން، ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވިއެވެ. މި މައްސަލައަކީ އެ ރަށުގެ އާބާދީގައި 10،150 މީހުން އިތުރުކުރުމަށްޓަކައި މަރުވެފައިވާ 115 މީހެއްގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް ވެސް ތިނަދުއަށް ދިޔައެވެ.

 

ލިޔުންތެރިޔާގެ